ދިހަ ރުފިޔާގެ ސްޓޮކް މަދުވުމާއި އަދި ބާވެ ހަލާކުވާ ނޫޓުތައް އައުކުރުމަށް ރަންދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މިއަދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސްފި އެވެ.
އެމްއެމްއޭއިން އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އެ ނޫޓްތައް ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ވަނީ ނިންމާފަ އެވެ.
އެ އޮތޯރިޓީއިން ބުނިގޮތުގައި، 10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށް ވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10 ރުފިޔާގެ ނޫޓު ބޭނުންކުރާ މިންވަރު ގިނަ އެވެ. މީގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރުވާ ކަމަށާއި މީގެ އިތުރުން ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް މިފަދަ ނޫޓު ބޭނުންނުކުރާތީވެ، މިއީ ބޭންކުތަކުން ވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އެ އޮތޯރިޓީއިން ބުނިގޮތުގައި މިއީ ރަންދިހަ ފަހެއް" ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާ ނޫޓް ޗާޕްކުރި ތިންވަނަ ފަހަރެވެ. އެމްއެމްއޭ އިން ފުރަތަމަ ޗާޕްކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 5 ގެ ތާރީހުގައި، ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮއާއެކު އެވެ. ދެ ވަނަ ފަހަރަށް ޗާޕްކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މާޗް 10 ވަނަ ދުވަހު، ކުރީގެ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު އެވެ.
އެމްއެމްއޭއިން ބުނިގޮތުގައި މިހާރު ބޭނުންކުރަމުންދާ ނޫޓް ސީރީޒް ބޭނުންކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ބާނޫޓުގެ ގޮތުގައި 10 ރުފިޔާ ލިބޭ މިންވަރު ވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި ނޫޓުގައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި 31 ގެ ތާރީޚެވެ. އަދި، 10 ރުފިޔާގެ މި އާ ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައި ވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އެވެ.
ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިނެރޭ 10 ރުފިޔާގެ ނޫޓާ އެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓު ވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.
ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި ބާނޫޓް ބަދަލުކުރުމަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ އާ ނޫޓް ދައުރުކުރުމަށް ނެރޭ ކަމަށާއި މީ އިގްތިސާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ނޫޓު ފޯރުކޮށްދިނުމަށާ ދައުރުވާ ނޫޓަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގަ ހުރި ނޫޓުތަކަށް ހެދުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

