އަޟްހާ އީދުގެ ބޮޑު ބަންދާ ދިމާކޮށް ސަރުކާރު އޮފީސްތަކާއި ބޭންކުތައް ގިނަ ދުވަސްތަކަކަށް ބަންދުވާތީ، އެ ދުވަސްތަކުގައި ބޭންކިން ހިދުމަތް ދިނުމަށް ހާއްސަ ދުވަހެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފި އެވެ.
މި އަހަރުގެ އީދު ބަންދާ ގުޅިގެން މި މަހުގެ 24 އިން 30 ގެ ނިޔަލަށް ސަރުކާރު ބަންދުވީ ނަމަވެސް، މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވުމަށް ވަނީ ނިންމާފަ އެވެ. އެ ދުވަހު ބޭންކިން ހިދުމަތް ލިބޭނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ބޭންކުތައް ހުޅުވާ 28 ވަނަ ދުވަހު އާންމުންނަށް ވަކިލާރިއާއި ނަގުދު ފައިސާ ދުލެއް ނުކުރާނެ އެވެ. އެހެންކަމުން އީދު ބަންދުގެ ދުވަސްތަކުގައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ނަގުދު ފައިސާއާއި ވަކިލާރި، މި ހަފުތާގެ ރަސްމީ ދުވަސްތަކުގެ ތެރޭގައި ބޭންކުން ހޯދައި ނިންމުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.
މިއަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 26 ވާ އަންގާރަ ދުވަހަކީ ބަރަކާތްތެރި އަރަފާތު ދުވަހެވެ. އަދި އީދު ވާނީ އެއާ ޖެހިގެން އަންނަ 27 ވަނަ ދުވަހަށެވެ.

