މި އަހަރު މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދައިން 993 މިލިއަން ރުފިޔާ އިތުރުވެ، ސަބްސިޑީއަށް ސަރުކާރުން ހެދި ބަޖެޓުގެ 78 ޕަސެންޓް އަހަރު ދެބައި ނުވަނީސް ހުސްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.
ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، މިއީ ބަޖެޓު ކަނޑައެޅި އިރު އުންމީދުކުރި މިންވަރަށް ވުރެ މާ ހަލުވި ދުވެލީގައި ހަރަދުތައް މައްޗަށް ދިއުމުގެ ނަތީޖާއެކެވެ. މުޅި އަހަރަށް ސަބްސިޑީގެ ގޮތުގައި ކަނޑައެޅި 2.9 ބިލިއަން ރުފިޔާގެ ތެރެއިން، މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް 2.3 ބިލިއަން ރުފިޔާ ވަނީ ބޭނުންކޮށް ނިމިފަ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ސަބްސިޑީއަށް ކުރި ހޭދަ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، މީގެ ފަހަތުގައި ބައިނަލްއަގްވާމީ ބާޒާރުގެ ނުފޫޒު ބޮޑެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑު މިންވަރަކަށް އުފުލުމަކީ، ކަރަންޓު ސަބްސިޑީއަށް ސަރުކާރުން ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވި ސަބަބެކެވެ.
ނަމަވެސް ރޯދަމަހުގެ ކަރަންޓު ބިލުތައް ކެޕްކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރައްޔިތުންނަށް ލިބުނު ލުޔަކަށް ވީ ނަމަވެސް، އޭގެ މާލީ ބުރަ އުފުލަން ޖެހުނީ ބަޖެޓުންނެވެ. އެހެން ނަމަވެސް މާލީ އިދާރާތަކުން ސަބްސިޑީ ނިޒާމު އިސްލާހުކޮށް، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދޭ އެއްޗަކަށް ހަދަން ލަފާ ދެމުން ދާތާ ވެސް މިހާރު އަހަރުތަކެއް ވެއްޖެ އެވެ.
ސަރުކާރުން މިދިޔަ އަހަރު ސަބްސިޑީއަށް ބަދަލުތަކެއް ގެންނަން ނިންމި ނަމަވެސް، ރައްޔިތުންނަށް ލިބޭ ހިދުމަތަކަށް އުނިކަމެއް އަތުވެދާނެތީ ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަން މަޑުޖައްސާލައްވާފަ އެވެ. ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ހުރިގޮތުން ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖޭގެ ދަރަނީގެ ނުރައްކާ ބޮޑުކަން ފާހަގަކޮށް "ޖަންކް" ރޭޓިންއެއް ދީފަ އެވެ.
މިއަހަރު ތެރޭ އެކަނި ވެސް ދަރަނި ދެއްކުމަށާއި އިންޓްރެސްޓަށް 10 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހުމަކީ، ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ދަރަނި އަދާކުރުމަށް ބޮޑު އިސްކަމެއް ދޭންޖެހުމުގެ ސަބަބުން، ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ދުވެލި މަޑުޖެހޭކަމުގެ ކަންބޮޑުވުން އާންމުންގެ ތެރޭގައި އެބައޮތެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު ބަޖެޓުގެ ބާކީ އޮތް މިންވަރުން، އަހަރުގެ ބާކީ ބައި ފުރިހަމަކުރުމަށްޓަކައި މާލީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އެބަޖެހެ އެވެ.

