މިދިޔަ މަހު މީރާއިން ބަލައިގަނެފައިވާ އާމްދަނީ 2.05 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުނިގޮތުގައި މި އަދަދަކީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 0.3 ޕަސެންޓް ދަށް އަދަދެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 5.8 ޕަސެންޓް ދަށް އަދަދެއް ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

މީރާ އިން ބުނިގޮތުގައި މިދިޔަ މަހަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ 0.3 ޕަސެންޓް ދަށްވި މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ދައިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، ރިޒޯޓުތަކުގެ ކުލީގެ އިތުރުން ކޯޓާ ފީއިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ.

މީރާ އިން ބުނިގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން، 2025 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު މިދިޔަ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 4.4 ޕަސެންޓް ދަށްވެ، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ ވަނީ ދަށްވެފަ އެވެ. އަދި މޭ މަހު ލިބުނު އާމްދަނީގެ 13.8 ޕަސެންޓަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

އޭގެ އިތުރުން އާމްދަނީގެ އިތުރު 21.9 ޕަސެންޓް ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތުންކަން ވެސް މީރާއިން ފާހަގަކުރެ އެވެ.

މީރާއިން ބުނިގޮތުގައި، މޭ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މޭ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުމެވެ. ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ 19.5 ޕަސެންޓް ދަށްވެފައި ވަނީ، 2025 ވަނަ އަހަރު މޭ މަހާއި އަޅައިބަލާއިރު 2026 ވަނަ އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 24.4 ޕަސެންޓް ދަށްވުމާ ގުޅިގެން ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.

މީރާ އިން ބުނިގޮތުގައި މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ.

އެ އިދާރާ އިން ބުނީ ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މޭ 2026 ގައި މީރާއިން ޖުމްލަ 382 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 242 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 68 މިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށް ވެސް މީރާ އިން ބުނެ އެވެ.

މިދިޔަ މޭ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 56.3 ޕަސެންޓް ނުވަތަ 1.1 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 11.4 ޕަސެންޓް ނުވަތަ 234 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 158 މިލިއަން ރުފިޔާ (7.7 ޕަސެންޓް)، ޑިޕާޗާ ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ (7.6 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 139 މިލިއަން ރުފިޔާ (6.8 ޕަސެންޓް)، އަދި ވާކް ޕާމިޓް ފީގެ ގޮތުގައި 71 މިލިއަން ރުފިޔާ (3.5 ޕަސެންޓް) ލިބިފައިވާ ކަމަށް ވެސް މީރާ އިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 89 މިލިއަން ޑޮލަރު ހިމެނެ އެވެ.