މިދިޔަ ޖޫން މަހު މީރާ އިން ޖުމުލަ 2.92 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި އެވެ. މި އަދަދަކީ ޖޫންގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %14.7 އިތުރު އަދަދެކެވެ. އަދި ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %10.1 އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، ޖޫން 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީ އަށްވުރެ %14.7 އިތުރުވި މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީ، ބޭންކް އިންކަމް ޓެކްސް، ގްރީން ޓެކުހުގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

މި އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަންދާޒާކޮށްފައިވާ މިންވަރަށްވުރެ %1.7 އިތުރުވުމާއެކު ފަތުރުވެރިކަމާގުޅޭ ދައިރާތަކުން ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފަ އެވެ. މީގެ އިތުރުން، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ފީ (ސީއެސްއާރު)، ރިޒޯޓްތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި އެއްފަހަރާ ލިބުނު ފައިސާއަކީވެސް މިމުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެއް ކަމަށް މީރާ އިން ބުންޏެވެ. ޖޫން ގައި ލިބިފައިވާ ޖުމުލަ އާމްދަނީގެ %14.3 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާ އެވެ. އަދި އާމްދަނީގެ %23.4 ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންކަން ވެސް މީރާއިން ބުންޏެވެ.

ޖޫން 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖޫން 2026 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީ އާއި ބޭންކް އިންކަމް ޓެކުހުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، 2025 ވަނަ އަހަރުގެ ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާދައްކާ ނިންމާފައިވާތީ އެވެ. 2025 ވަނަ އަހަރުގެ މޭ މަހާއި އަޅާބަލާއިރު 2026 މޭ މަހުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ މިންވަރު %1.5 އިތުރުވެފައިވާތީ ޓުއަރިޒަމް ދާއިރާގެ އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ޖޫން ގައި މީރާއިން ވަނީ ޖުމްލަ 465 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 286 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 79 މިލިއަން ރުފިޔާ އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 72 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. މީގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 26 މިލިއަން ރުފިޔާ އަދި އެކްޝަން ޕޮލިސީގެ ތެރެއިން 0.5 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. ހަމައެއާއެކު ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 0.7 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ.

ޖޫން 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. އެއީ %37.2 ނުވަތަ 1.08 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ %27.4 ނުވަތަ 799 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ރިޒޯޓްތަކުގެ ކުލީގެ ގޮތުގައި 411 މިލިއަން ރުފިޔާ (%14.1) ގްރީން ޓެކުހުގެ ގޮތުގައި 157 މިލިއަން ރުފިޔާ (%5.4)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 135 މިލިއަން ރުފިޔާ (%4.6) އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 134 މިލިއަން ރުފިޔާ (%4.6) ވަނީ ލިބިފައިވެ އެވެ.

ޖޫން 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118.60 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.