މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން، ރާއްޖޭގެ އިގްތިސޯދާއި އާބާދީގެ މައުލޫމާތު ފަސޭހައިން ބަލައިލެވޭނެ "އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ" ޕޯޓަލް ތައާރަފްކޮށްފި އެވެ.
އެމްބީއެސް އިން މައުލޫމާތު ދޭ ގޮތުގައި، މި ޕްލެޓްފޯމް އިފްތިތާހުކޮށްފައި ވަނީ އިއްޔެ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނަށް ފަސް އަހަރު ފުރުނު މުނާސަބަތާއެކުގަ އެވެ.
މި ޕޯޓަލް މެދުވެރިކޮށް، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) އާއި، ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ގެ އިތުރުން އާބާދީއަށް އަންނާނެ ކަމަށް ލަފާކުރާ ބަދަލުތައް އިންޓަރެކްޓިވްކޮށް ބަލައިލެވޭނެ އެވެ. މިއީ ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް އަވަހަށް އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ގައުމުގެ އިގުތިސާދަށާއި އާބާދީއަށް އަންނަ ބަދަލުތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި އިފްތިތާހުކުރި މި ޕޯޓަލްއާއެކު، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްބީއެސްއިން ފާހަގަކުރެ އެވެ. ތަފާސްހިސާބުގެ ގާނޫނުގައިވާ ގޮތުން އެމްބީއެސްގެ ހިންގުމާ ހަވާލުވެހުންނަވާ ޗީފް ސްޓެޓިސްޓިޝަން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާއިރު، އެ ބިއުރޯގެ ކަންކަމުގައި މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓްރީ އޮފް ފައިނޭންސްއިންނެވެ. އެހެންކަމުން މި އިދާރާގެ ހިންގުމުގެ މައިގަނޑު ކަންކަން ކުރިއަށްދަނީ ފިނޭންސް މިނިސްޓަރުގެ ސީދާ އިރުޝާދުގެ ދަށުންނެވެ.

