މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭން ދަޅުމަހާއި ޕައުޗް އެކްސްޕޯޓްކުރި މިންވަރު ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 3,056.4 މެޓްރިކް ޓަނުގެ ދަޅުމަހާއި ޕައުޗް އެކްސްޕޯޓްކޮށްފައިވެ އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކުރެވުނީ 2,702.4 މެޓްރިކް ޓަނެވެ.
މި އަހަރުގެ މަސްމަހަށް ބަލާއިރު، ޖެނުއަރީ މަހު 344.3 މެޓްރިކް ޓަނު އަދި ފެބްރުއަރީ މަހު 342.4 މެޓްރިކް ޓަނު އެކްސްޕޯޓްކުރި އެވެ. ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެންމެ ގިނައިން އެކްސްޕޯޓްކުރީ މާރިޗު މަހުއެވެ. އެއީ 653.0 މެޓްރިކް ޓަނެވެ. އޭގެ ފަހުން އެޕްރީލް މަހު 406.1 މެޓްރިކް ޓަނު، މެއި މަހު 545.9 މެޓްރިކް ޓަނު އަދި ޖޫން މަހު އެކްސްޕޯޓްކޮށްފައި ވަނީ 410.7 މެޓްރިކް ޓަނެވެ.
ފާއިތުވި އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު، 2020 ވަނަ އަހަރު 7,148.7 މެޓްރިކް ޓަނުގެ ދަޅުމަހާއި ޕައުޗް އެކްސްޕޯޓްކުރިއިރު، 2021 ވަނަ އަހަރު އެ އަދަދު ވަނީ 7,861.2 މެޓްރިކް ޓަނަށް އިތުރުވެފައެވެ. އަދި 2022 ވަނަ އަހަރު 8,439.6 މެޓްރިކް ޓަނަށް އެކްސްޕޯޓް މަތިވިރު، 2023 ވަނަ އަހަރަކީ އެންމެ ގިނައިން އެކްސްޕޯޓްކުރި އަހަރެވެ. އެ އަހަރު 12,417.7 މެޓްރިކް ޓަނު އެކްސްޕޯޓް ކުރިއެވެ.
ނަމަވެސް، 2024 ވަނަ އަހަރު މި އަދަދު 5,811.8 މެޓްރިކް ޓަނަށް ވަރަށް ބޮޑަށް ދަށްވި އެވެ. އަދި 2025 ވަނަ އަހަރު ނިމުނުއިރު އެކްސްޕޯޓް ކުރެވުނު މިންވަރު ވަނީ ކުޑަކޮށް އިތުރުވެ، 6,322.6 މެޓްރިކް ޓަނަށް އަރާފަ އެވެ.
ރާއްޖެއަކީ ގާތްގަނޑަކަށް 95 ޕަސެންޓް އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވީއިރު، އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުން އެހެނިހެން ގައުމުތަކަށް އެކްސްޕޯޓް ކުރާނެ މާ ބައިވަރު އުފެއްދުންތަކެއް ނުހުރެ އެވެ. އޭގެ ސަބަބުން އިގްތިސޯދީ ގޮތުން އެތައް ގޮންޖެހުމެއް ކުރިމަތިވެ އެވެ.

