މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި އިސްލާހުގައި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންސީތަކާއި ޕްލެޓްފޯމްތަކުން ރާއްޖޭގައި ބޭނުންކުރުމަށް ވިއްކާ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްސްތަކާއި، އެ ޕްރޮޑަކްޓްސްތަކާ ގުޅުންހުރި އެޖެންސީ އަދި ބުކިން ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ވަނީ ކަނޑައަޅައިފަ އެވެ.
"ޑެސްޓިނޭޝަން ޕްރިންސިޕަލް" ނުވަތަ މުދަލެއް ނުވަތަ ހިދުމަތެއް ކޮންސިއުމްކުރާ ގައުމެއްގައި އެ މުދަލެއް ނުވަތަ ހިދުމަތަކަށް ޓެކްސް ކުރުމުގެ އުސޫލުގެ މައްޗަށް ބިނާކޮށް ގެނެވުނު މި އިސްލާހު މައިގަނޑުގޮތެއްގައި ރައްދުވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތައް ވިއްކާ ބޭރުގެ ފަރާތްތަކެވެ.
މި އިސްލާހުގެ ދަށުން، ރާއްޖޭގައި ބޭނުން ކުރުމަށް ފޯރުވައިދޭ ހިދުމަތެއްނަމަ، އެ ހިދުމަތެއް ވިއްކާ ފަރާތް ރާއްޖެއިން ބޭރުގައި ހުރި ނަމަވެސް، އެފަރާތަކުން މީރާއަށް ޖީއެސްޓީ ދައްކަންޖެހޭނެ އެވެ. މީރާއިން ބުނިގޮތުގައި، މިގޮތަށް މުދާ ނުވަތަ ހިދުމަތް ބޭނުންކުރާ ނުވަތަ ކޮންސިއުމްކުރާ ގައުމެއްގައި އެ މުދަލަކަށް ނުވަތަ ހިދުމަތަށް ޖީއެސްޓީ ނެގުމަކީ ވަރަށް ގިނަ ގައުމުތަކުގައި މިހާރުވެސް އަމަލުކުރަމުންދާ އުސޫލެކެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށް ގެނައި މި އިސްލާހުގެ ސަބަބުން ރާއްޖޭގައި މިހާރު ހަރަކާތްތެރިވަމުންދާ ވިޔަފާރިތަކުން، ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގައި އަމަލުކުރަންޖެހޭގޮތަށާއި ޖީއެސްޓީގެ ރޭޓަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
ބިލުގައި ވާ ގޮތުން މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

