ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އިންޓްރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް 645 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ އިއުލާންކުރި ހަތަރު ޓީބިލަށް އަންނަ ހޯމަ ދުވަހު ފައިސާ ދައްކަންޖެހެ އެވެ. މިހާރު ވިއްކުމަށް ހުޅުވާލާފައިވާ ޓީބިލުތަކަކީ:

  • 265 މިލިއަން ރުފިޔާ: %3.5 އިންޓްރެސްޓްގައި (28 ދުވަހުން އަނބުރާ ދައްކާ ގޮތަށް)
  • 50 މިލިއަން ރުފިޔާ: %3.87 އިންޓްރެސްޓްގައި (98 ދުވަހުން އަނބުރާ ދައްކާ ގޮތަށް)
  • 247 މިލިއަން ރުފިޔާ: %4.23 އިންޓްރެސްޓްގައި (182 ދުވަހުން އަނބުރާ ދައްކާ ގޮތަށް)
  • 83.4 މިލިއަން ރުފިޔާ: %4.6 އިންޓްރެސްޓްގައި (364 ދުވަހުން އަނބުރާ ދައްކާ ގޮތަށް)

މިދިޔަ މަހު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާއިރު އާންމުކޮށް މި ފަންޑުތައް ގަންނަނީ ބޭންކުތަކާއި ޕެންޝަން ފަންޑު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސަރުކާރުން އަނބުރާ ދައްކަންޖެހޭ ޓީބިލުގެ ޖުމުލަ އަދަދު މިހާރު ވަނީ 41.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެ ތެރޭގައި އެއް މަސް ތެރޭ ދައްކަންޖެހޭ 3.4 ބިލިއަން ރުފިޔާއާއި، ތިން މަސް ތެރޭ ދައްކަންޖެހޭ 2.97 ބިލިއަން ރުފިޔާއާއި، ހަ މަސް ތެރޭ ދައްކަންޖެހޭ 2.5 ބިލިއަން ރުފިޔާ އަދި އެއް އަހަރުގެ މުއްދަތަށް ފަހު ދައްކަންޖެހޭ 32.7 ބިލިއަން ރުފިޔާ ހިމެނެ އެވެ.

ދައުލަތުގެ އާމްދަނީއާއި ހަރަދުގެ އެންމެ ފަހުގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުން، މިދިޔަ މަހުގެ 27 ގެ ނިޔަލަށް 27.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް، ހަރަދުތައް ވަނީ 29.96 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

ދައުލަތުގެ ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ހިންގުމުގެ ހަރަދުތަކަށެވެ. އެގޮތުން މުސާރައާއި ޕެންޝަނަށް އެކަނިވެސް 10.3 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. މީގެއިތުރުން އެކި ސަރުކާރުތަކުން ވާރުތަވެފައިވާ ދަރަނީގެ ތެރެއިން މި އަހަރު ދައްކަންޖެހޭ 1.1 ބިލިއަން ޑޮލަރުގެ ތެރެއިން މިދިޔަ މަހުގެ 27 ގެ ނިޔަލަށް ދަރަނި ދެއްކުމަށް ވަނީ 9.77 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.