ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ދެ ގަވާއިދެއް އިސްލާހުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގެޒެޓްކޮށްފި އެވެ.
މިއަދު އެމްއެމްއޭ އިން ނެރެފައިވާ ދެ ގަވާއިދަކީ ބޭރު ފައިސާއާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އަދި ބޭރު ފައިސާއާބެހޭ އާންމު ގަވާއިދެވެ. ރަޖިސްޓަރީކުރުމާ ގުޅޭ ގަވާއިދުގައި ވާގޮތުން، ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި މާލީ އިދާރާތައް ފިޔަވައި މީލާދީ އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރުގެ އަދަދެއް މުދާ ވިއްކައި ނުވަތަ ޚިދުމަތް ފޯރުކޮށްދީގެން ލިބޭނަމަ އެ ވިޔަފާރިއަކުން އެމްއެމްއޭގައި ރަޖިސްޓަރީ ކުރަންވާނެ އެވެ.
ބޭރު ފައިސާއާބެހޭ އާންމު ގަވާއިދުގައި ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ހާލަތްތަކާއި، އެކަންކަމަށް އޮތޯރިޓީގެ ހުއްދަ ހޯދުމުގައި އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެ ގޮތުން، ކޮންމެ އަހަރެއް ފެށުމުގެ 30 ދުވަސް ކުރިން، ބޭރު ފައިސާއިން އަދާކުރުމަށް ބަޖެޓްކޮށްފައިވާ ޚަރަދު އޮތޯރިޓީއަށް ހުށަހަޅަންވާނެ އެވެ.
މީގެ އިތުރުން، މާރުކުރަންޖެހޭ އަދަދު މުރާޖައާކޮށްދިނުމާއި ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމްތަކާ ގުޅިގެން ލުއި ހޯދުމަށް ހުށަހަޅާނެގޮތް ވެސް ބަޔާންކޮށްފައިވެ އެވެ.
މި ދެ ގަވާއިދަށް ވެސް އަމަލުކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

