ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން އެއްވެސް ވަރަކަށް ތަރައްގީނުކޮށް އަށް އަހަރު ފާއިތުވެ، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދައްކަންޖެހިފައިވާ ތަންތަނުގެ އެއްބަސްވުން ވަގުތުން ބާތިލުކުރެވޭ ގޮތަށް މިނިސްޓްރީ އޮފް ޓޫރިޒަމުން އާ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.
މިއަދު ގެޒެޓުކުރި މި ގަވާއިދުގައި ވަނީ، ތަރައްގީކޮށް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާ ތަންތަނާ މެދު ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅައިފަ އެވެ. އެގޮތުން އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެއްބަސްވުން އުވާލެވޭނެ ހާލަތްތަކުގެ ތެރޭގައި، ތަރައްގީކުރުމަށް ދިން މުއްދަތުން އަށް އަހަރު ފަހަނައަޅައި، ދައްކަންޖެހޭ ފައިސާ 10 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވުމާއި، އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ތަންތަން ހިމެނެ އެވެ. މީގެ އިތުރުން ގްރޭސް ޕީރިއަޑަށްފަހު ކޮންސްޓްރަކްޝަން މުއްދަތު 60 މަހަށް ވުރެ އިތުރުކޮށް، ކުލީގެ މުއްދަތުން އަށް އަހަރު ވެފައިވާ ނުވަތަ މަސައްކަތުގެ ނިސްބަތް %15 އަށް ވުރެ ދަށް ތަންތަން ވެސް އެއްވެސް އިތުރު ފުރުސަތަކާ ނުލައި ވަކިކުރެވޭނެ އެވެ.
އަދި މުއްދަތު ހަމަވެފައިވާ ނަމަވެސް، ކުލީގެ މުއްދަތުން އަށް އަހަރު ހަމަނުވާ ތަންތަނަށް ކޮންސްޓްރަކްޝަން މުއްދަތު އިތުރުކުރުމުގެ އެންމެ ފުރުސަތެއް ދިނުމަށްފަހު، އެ މުއްދަތުގައި ހިދުމަތް ނުފެށިއްޖެނަމަ އެއްބަސްވުން ބާތިލުކުރުމަށް ގަވާއިދު ލާޒިމުކުރެ އެވެ. ހަމައެއާއެކު، އަށް އަހަރު ވެފައިވާ ތަންތަނުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އެކަށީގެންވާ ދުވެއްޔެއްގައި މަސައްކަތް ކުރިއަށް ނުދާނަމަ ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް އޮންނާނެ އެވެ. މި އުސޫލުން އެއްބަސްވުން ބާތިލުކުރި ނަމަވެސް، އަރާފައިވާ ކުއްޔާއި ޖޫރިމަނާ ދައުލަތަށް ދައްކަން ޖެހޭނެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ފިޔަވަޅު އަޅާފައިވާއިރު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމަށް ދޫކޮށް ނުހެދި ހުރި 168 ތަނެއް އެބައޮތް ކަމަށާއި އޭގެ ތެރޭގައި 25 އަހަރު ވެފައިވާ ތަންތަން ވެސް ހިމެނޭ ކަމަށެވެ. އަދި މިފަދަ ތަންތަނުން ދައުލަތަށް ނުލިބި 537 މިލިއަން އެމެރިކާ ޑޮލަރު ޖަމާވެފައިވާ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެ އެވެ.
ރާއްޖޭގައި މިހާރު 179 ރިސޯޓު ހިންގަމުން އަންނައިރު، ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ބިނާވެފައިވަނީ ފަތުރުވެރިކަމުން ލިބޭ ޓެކުހަށެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 27 އާ ހަމައަށް މުދަލާއި ހިދުމަތުގެ ޓެކުހުން ލިބުނު 11 ބިލިއަން ރުފިޔާގެ ތެރެއިން ހަތް ބިލިއަން ރުފިޔާއަކީ ޓީޖީއެސްޓީ އެވެ. ގައުމުގެ އިގްތިސާދު ހަރުދަނާކޮށް ޑޮލަރުގެ ރިޒާވް ހިފެހެއްޓުމަށްޓަކައި، ރިސޯޓުތަކުން މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު ވެސް ސަރުކާރުން ވަނީ %20 އިން %40 އަށް ދާދިފަހުން އިތުރުކޮށްފަ އެވެ.

