ވިއެޓްނާމުގެ މަޝްހޫރު އެއާލައިން ކަމަށްވާ ވިއެޓްޖެޓުން ރާއްޖެ ހިމެނޭހެން އާ ތިން މަންޒިލަކަށް ދަތުރުތައް ފަށަން ނިންމައި، ހާއްސަ އަގުތަކުގައި ޓިކެޓު ވިއްކަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި މަގުބޫލުވަމުން އަންނަ ވިއެޓްނާމުގެ ވިއެޓްޖެޓުން ރާއްޖޭގެ އިތުރުން ދެން ދަތުރުތައް ފަށަނީ ކަޒަކިސްތާނާއި ޗެކް ރިޕަބްލިކަށެވެ. މި މަންޒިލުތަކަށް ދަތުރުތައް ފެށުމުގެ ގޮތުން އެ އެއާލައިނުން ވަނީ ޓެކްސް އާއި ފީތައް ނުހިމެނޭހެން ޑޮންގަށް ވިއްކާ އިކޯ ކެޓަގަރީގެ ހާއްސަ ޓިކެޓުތަކެއް ވެސް އިއުލާނުކޮށްފަ އެވެ. މި ޓިކެޓުތައް ގަންނަ ފަސިންޖަރުން ދައްކަން ޖެހޭނީ ހަމައެކަނި ޓެކްސް އަދި ފީއަށް އަރާ އަދަދު އެކަންޏެވެ.
މީގެ އިތުރުން، 20 އިންސައްތައިގެ ޑިސްކައުންޓެއްގައި ޑިލަކްސް ޓިކެޓުތަކެއް ވެސް ވިއްކާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ. މި ހާއްސަ އަގުތަކުގައި ވިއްކާ ޓިކެޓުތައް ގަތުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވިއެޓްޖެޓުން ބުންޏެވެ.
އަންނަ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު ފަށާ މި ދަތުރުތަކާ އެކު، ވިއެޓްޖެޓުން ރާއްޖެ އާއި ވިއެޓްނާމުގެ ހޯޗިމަން ސިޓީއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެ އެވެ. އެއީ ކޮންމެ ހަފުތާއެއްގެ ވެސް އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެ އެއާލައިންގެ އޭއާބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކުގައި ކަމަށް ވިއެޓްޖެޓުން ބުނެ އެވެ. މި އާ ރޫޓާއެކު ދިވެހިންނަށް ވިއެޓްނާމަށް ދަތުރުކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ އެވެ.

