ދިވެހި ސަރުކާރުން ބޮޑެތި ދަރަނިތައް ދައްކައި، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅިގެން، ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީއޭއޭ 2' އިން 'ސީއޭއޭ 1' އަށް މޫޑީޒްއިން މިއަދު މަތިކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ މޫޑީޒްއިން މި ރޭޓިން މަތިކުރުމާއެކު ރާއްޖޭގެ އިގްތިސާދީ އައުޓްލުކް ވަނީ ސްޓޭބަލްއަކަށް ބަދަލުކޮށްފަ އެވެ. މިއީ ކައިރި މުސްތަގުބަލުގައި ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުތަނުން ކުޑަވެގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
މި ރޭޓިން މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މި އަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކައި ހަލާސްކުރުމާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ނިންމުން ހިމެނެ އެވެ. މިއަހަރުގެ މެއި މަހާއި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލްތައް ދިވެހި ސަރުކާރުން ވަނީ ދައްކާފަ އެވެ.
ސަރުކާރުން ދައްކަންޖެހޭ 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް އިތުރުކުރުމަކީ ވެސް ކައިރި މުސްތަގުބަލުގައި ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވި ކަމެއް ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާ އިތުރުވެފައިވާކަން އެ އެޖެންސީން ފާހަގަކޮށްފައިވެ އެވެ.
ބޭރުގެ މާލީ އިދާރާތަކުންނާއި ކައިރި ގައުމުތަކުން މާލީ އެހީތެރިކަން ލިބުމުގައި އޮތް އިތުބާރު ބޮޑުވެފައިވާއިރު، ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ހޯދާފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން 129.2 ޕަސެންޓުގައި ހުރި ދައުލަތުގެ ދަރަނި، ޖުލައި 2026 ގެ ނިޔަލަށް ވަނީ 122.6 ޕަސެންޓަށް ދަށްވެފަ އެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަމާލުކަންދީގެން ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

