ނުވަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ހުޅުމާލޭގައި ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކުގެ މަސައްކަތް ޒަމާނީ ފެންވަރުގެ ރިސޯޓް ހޮޓަލަކާ އެކު އަލުން ތަރައްގީކުރުމަށް އާ ކުންފުންޏަކާ ހަވާލުކޮށް، މިއަދު މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޖުލައި 2017 ގައި ފެށި މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓް ރިއަލްޓީއާ އެވެ. ޖުމްލަ 235 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫއު 2018 ނުވަތަ 2019 ވަނަ އަހަރު ނިންމުމަށް 35 އަހަރަށް ބިން ކުއްޔަށް ދިން ނަމަވެސް، ކޮންސްޓުރަކްޟަން އެކްސްޓެންޟަން ރިކުސްޓަށް އެޗްޑީސީގެ ޖަވާބެއް ނުލިބި 9 މަސްވީ އިރު ކޮވިޑުގެ ހާލަތް ދިމާވެ އުފެދުނު އެކި ދެބަސްވުންތަކާ ގުޅިގެން 2020 ވަނަ އަހަރު މަސައްކަތް މުޅިން ހުއްޓުނެވެ. އަދި އޭރު އަޅާފައި ހުރި 50 ކޮޓަރީގެ ހޮޓަލުގެ ސްޓްރަކްޗާ ވީރާނާވެ، މުޅި ސަރަހައްދު އޮތީ ފަޅަށެވެ. މިހާރު މިކަމާ ގުޅޭ އެތައް މައްސަލައެއް ކޯޓުގާ ދަނީ ހިގަމުންނެވެ.
ނަމަވެސް، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ މި މަޝްރޫއު މުޅިން އާ މާސްޓާ ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދިއުމަށް، ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އަދި ދިވެހި ހިއްސާ އޮންނަ "ސޮލެންޒަރާ ހޯލްޑިންގްސް" އާ ހަވާލުކޮށްފަ އެވެ. މިއަދު މަސައްކަތް ފެށި މި މަޝްރޫއު 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި، މެއި 2028 ގެ ނިޔަލަށް ހުޅުވުމަށް ވަނީ އަމާޒު ހިފާފަ އެވެ.
ޖުމްލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ރާއްޖޭގައި މިހާތަނަށް ގާއިމްނުކުރާ ފެންވަރުގެ ވަސީލަތްތައް ހިމެނެ އެވެ. އެގޮތުން ހުޅުމާލޭގެ މޫދާއި ގުޅޭގޮތަށް ތަރައްގީކުރާ ވޯޓަ ތީމް ޕާކުގައި 11 ވޯޓާ އެޓްރެކްޝަނާއި ހިދުމަތްދޭ 30 ވަސީލަތް ހިމެނެ އެވެ. މީގެ ތެރޭގައި އަށް ވޯޓާ ސްލައިޑް، ޓޯނޭޑޯ ސްލައިޑް، 290 މީޓަރުގެ ލޭޒީ ރިވާ، ނިއުމެޓިކް ވޭވް ޕޫލް، ކުޑަކުދިންނަށް ހާއްސަ ޕޫލްތަކުގެ އިތުރުން މޫދު މަތީގައި އޮންނަ އިންފްލޭޓަބަލް ޗެލެންޖް ގޭމްސްތައް ހިމެނެ އެވެ. އަދި ޕާކިން އާއި ރެސްޓޯރެންޓްތަކަށް ހާއްސަ މައި ކޮމްޕްލެކްސް އިމާރާތެއް ވެސް އެތަނުގައި ގާއިމްކުރެވޭނެ އެވެ.
މީގެއިތުރުން، ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ވޯކީ ރިސޯޓް ހޮޓެލް" ގެ ދަށުން 250 ކޮޓަރި އާއި ސުއިޓް، 95 އެޕާޓްމަންޓް އަދި ބީޗްފްރަންޓް ތިން ހޮޓެލް ވިލާ ތަރައްގީކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
މި މަޝްރޫއު އަލުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ، މިއީ ހުޅުމާލޭގައި ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތައް އަލުން ފެށުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މުޅިން އަލަށް 500 ވަޒީފާ އުފެދިގެންދާއިރު، އޭގެ 85 އިންސައްތަ ވަޒީފާ ދިވެހިންނަށް ހާއްސަކުރަން ޝަރުތުކޮށްފައިވާނެ ކަމަށެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން 120 ދިވެހިން ތަމްރީނު ކުރުމަށް ވެސް އެއްބަސްވެފައިވާ ކަމަށް އަލީ ޒުހައިރު ވިދާޅުވި އެވެ.

