ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ބޯޑަރުހުޅު ވިފަހުން ، މި އަހަރުގެ ވޭތުވެ ދިޔަ ފަސް މަސް ދުވަސްތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 450،000 އަށް ވުރެ މަތިވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފަސް މަސް ދުވަހު ރާއްޖެއަށް 453،186 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މި އަހަރުގެ ފަސް މަސް ތެރޭގައި ޓޫރިސްޓުން އައިސްފައިވާ ގޮތަށް ބަލާއިރު ޖެނުއަރީ މަހު 92،103 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އެ މުއްދަތުގައި އަހަރު އައި 173،347 މީހުންނާ އަޅާބަލާ ނަމަ 46.9 ޕަސެންޓް ދަށް ވުމެކެވެ. އަދި 2019 ވަނަ އަހަރު އައި 151،552 ޓޫރިސްޓުންނާ އަޅާބަލާނަމަ 39.2 ޓޫރިސްޓުންގެ ދަށްވުމެކެވެ. އަދި ފެބްރުއަރީ މަހު ރާއްޖެއަށް އައިސްފައި ވަނީ 96،882 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 149،785 ޓޫރިސްޓުންނާ އަޅާބަލާނަމަ 35.3 ޕަސެންޓުގެ ދަށް ވުމެކެވެ. އަދި 2019 ވަނަ އަހަރު އައި 169،582 ޓޫރިސްޓުންނާ އަޅާ ބަލާނަމަ 42.5 ޕަސެންޓުގެ ދަށްވުމެކެވެ.
މީގެ އިތުރުން މާޗް މަހު ރާއްޖެއަށް އައިސްފައިވަނީ 109،585 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު އައި 59،630 މީހުންނާ އަޅާ ބަލާނަމަ 32.7 ޕަސެންޓުގެ ދަށްވުމެކެވެ. އަދި މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް އައިސްފައި ވަނީ 91،200 ޓޫރިސްޓުންނެވެ. މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދުކޮފައި އޮތުމުން އެ މުއްދަތުގައި އައީ އެންމެ 13 ޓޫރިސްޓުންނެވެ. ނަމަވެސް 2019 ވަނަ އަހަރު 163،114 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ މެއި މަހު 63،416 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 2019 ވަނަ އަހަރު 99،483 ޓޫރިސްޓުން އައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު އެވްރެޖުކޮށް ރާއްޖޭގެ ޑެއިލީ ޓޫރިސްޓް އެރައިވަލް އުޅެނީ 1،700 އާއި 1،300 އާ ދެމެދުގަ އެވެ. މި އަދަދަށް ޓޫރިސްޓު އެރައިވަލް ވެއްޓިފައި ވަނީ މިދިޔަ މަހުގެ 16 އިން ފެށިގެންނެވެ.
އޭގެ ކުރީގައި ޑެއިލީ އެރައިވަލް އުޅެނީ 2،000 އިން މަތީގަ އެވެ. މި އަދަދަށް އެރައިވަލް ވެއްޓިފައިވާ ކަމަށް ބެލެވެނީ ކޮވިޑް-19 ބަލީގެ ނަމްބަރުތައް މަތިވުމުންނެވެ. އަދި ފަސް މަސް ދުވަހަށް ބަލާއިރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ނުވަ ދުވަހު މަޑުކުރެ އެވެ. މިއީ އެވްރެކޮށް ރާއްޖޭގައި ޓޫރިސްޓުން ތިބޭ 7.6 ދުވަހަށް ބަލާނަމަ އިތުރުވުމެކެވެ. މީގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފަ އެވެ،