ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ހަދާ ޓާމިނަލްގައި ދިވެހިވަންތަ ސިފަތަކެއް ގެންނަން ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
އާ ޓާމިނަލްގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެއީ، ސައުދީ އަރަބިއްޔާގެ ވެސް އެންމެ ވަރުގަދަ އެއް ކުންފުންޏެވެ. އަދި އެ މަސައްކަތުގެ ސަބް ކޮންޓްރެކްޓަރަކީ ސިނަމާލެ ބްރިޖް ހެދި ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އެވެ.
އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އެ މަސައްކަތް، 2019 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ތަފާތު ސަބަބުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.
މި މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.
ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން ހެދި ޑިޒައިންނަށް މި ސަރުކާރުން 2019 ވަނަ އަހަރު ބަދަލު ގެންނަން ބޭނުންވުމުން އެކަމުގައި އިސްކޮށް އުޅުއްވީ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން ކުރެއްވި މަޝްހޫރު އާކިޓެކްޓް މައުރޫފް ޖަމީލު (މާއި) އެވެ.
އެއާޕޯޓްގެ ޕްރޮޖެކްޓްތައް ހިންގެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މަހުޖޫބު ޝުޖާއު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ މައުރޫފްއާ ހަވާލުކުރީ އެއާޕޯޓުގެ އާ ޓާމިނަލްއިން ދިވެހި ވަންތަ ސިފަތަކެއް ގެނައުމަށް ކަމަށެވެ. އަދި އެތަނުގެ ޑިޒައިނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ މަސައްކަތް މިހާރު ވަނީ ނިމިފައި. އެއީ ޓާމިނަލް ނިމިފައި ހުންނައިރު ދިވެހިވަންތަ ސިފަތަކެއް ގެނައުމަށް މާއިއާ ހަވާލުކުރީ،" މަހުޖޫބު ވިދާޅުވި އެވެ.
މައުރޫފް "ހުރިހާ"އަށް މިއަދު ވިދާޅުވީ އެއާޕޯޓުގެ ޓާމިނަލްގެ ޑިޒައިނަށް ބަދަލުތަކެއް ގެނައުމުގައި އޭނާ އަދާކުރެއްވީ އެޑްވައިޒަރެއްގެ ރޯލު ކަމަށެވެ.
"އަޅުގަނޑަށް ޖެހުނީ ބޭރުގެ ޑިޒައިނަރުން ހަދާފައިވާ ޑިޒައިނަށް ކޮމެންޓް ކުރަން. އެ މީހުންނާ ކޮމިއުނިކޭޓްކޮށްގެން އެ ބަދަލު ގެނައުމުގައި ކޮންސަލްޓޭޝަން ދިނިން،" އޭނާ ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ އެ ޓާމިނަލްގެ ޑިޒައިންނަށް ބައެއް ބަދަލުތައް ގެންނަން ހިޔާލު ދެއްވި ކަމަށެވެ. އަދި އެތަން ނިމޭއިރު ހުންނާނީ އެ ހިޔާލާ އެއްގޮތަށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ނުޖެހޭ އެ ބަދަލުތައް ގެނައީ އެ ގޮތަށްތޯ ބަލަން. އަޅުގަނޑަށް ފެންނަ ހިޔާލެއް ދީފައިވާނީ. އެގޮތުން ހުޅަނގު ބިތުން މޫދު ފެންނަ ފެންނަ ގޮތަށް ދޮރުތަކާއި ކުލަތަކުގެ ޕެޓާނަށް ބަދަލު ގެންނަން ލަފާ ދިނިން. އޭގެ ބޭނުމަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަން ފެންނަ ގޮތަށް ހެދުން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން އެމްއޭސީއެލް އިން ހެދި ޑިޒައިން ވެސް ހުރީ ދާދި އެއްގޮތަށް ކަމަށެވެ. އަދި ފަހުން އެމްއޭސީއެލް އިން ވެސް އާކިޓެކްޓަކު ހޯދައިގެން ވެސް ޓާމިނަލްގެ ޑިޒައިނަށް ބަދަލުތަކެއް ގެނައި ކަމަށްވެ އެވެ.
އާ ޓާމިނަލްގެ މަޝްރޫއު އަލުން ކުރިއަށް ގެންދަން މި ސަރުކާރުން ނިންމީ އެ ބަދަލުތަކާ އެކު އެވެ. އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1،400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ. އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.
އާ ޓާމިނަލްގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނެސް ވޭރިއޭޝަން ކޮސްޓްގެ ގޮތުގައި 100 މިލިއަނެއްހާ ޑޮލަރު ޕްރޮޖެކްޓްގެ އަގަށް އިތުރުވެފައިވާ ކަމަށްވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އެމްއޭސީއެލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
އާ ޓާމިނަލް ނިމި، ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަށެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ކުރިން ލަފާކުރީ 2022 ގަ އެވެ. ނަމަވެސް އެތަނުގެ މަސައްކަތް މިހާރު ކުރިޔަށްދާ ގޮތުން އެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ނުބެލެވެ އެވެ.
ތަމެންގެ ސަރުކާރަށް ނުވާނެ އެއްވެސް ކަމެއް ދެން ފެންނާނީ ތިޔާ ފަންޑް ވެސް ގެއްލިފައި ހުއްޓާ ޑިޒައިނަށް ބަދަލު ނުގެނެސް ތިޔާ ޓާރމިނަލް ނިންމާ އޮޕަރޭޓް ކުރަން ފަށާތާ 5 އަހަރު ފަހުން މަޑުމަޑުން ގެންނަން ބޭނުންވާ ބަދަލު އަޕްގްރޭޑިންގް ޕްރޮޖެކްޓްސް ތަކެއްގެ ގޮތުގައި ގެންދެވިދާނެއޭ މޫދު ފެންނާން ހުރުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫނޭ ޓާރމިނަލް ބޮޑުވެފައި ޓާރމިނަލް އިން ޚިދްމަތް ދިނުން އެއީ މުހިއްމު ކަމަކީ ކަމެއް ކުރެވުނު ނަމަ ކިއޫގައި ކައުންޓަރު ގައި ކޮއްޅަށް ނުތިބެ ގޮނޑީގައި އިށީނދެގެން ތިބޭ