ރާއްޖެ އިން ބޭރުގެ އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައި ކޯޓުން ފުރަތަމަ ފަހަރަށް ވަގުތީ އަމުރެއް މިއަދު ނެރެފި އެވެ.
ހައިކޯޓުން ވަގުތީ އަމުރެއް ނެރުނީ ޖުމެއިރާ ވިޓަވެލި ރިސޯޓް (ކ. ބޮލިފުށި) ހިންގުމާ ގުޅޭގޮތުން ދުބާއީގެ ޖުމެއިރާ މެނޭޖްމަންޓް ސާވިސް ކުންފުންޏާއި އެސްޕީއެޗް ކިޔާ ކުންފުންޏަކާ ދެމެދު 2008 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުން އެސްޕީއެޗުން ބާތިލްކުރުމުން ސިންގަޕޫރު އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލައާ ގުޅިގެންނެވެ.
އެ ރިސޯޓް ހިންގުމުގެ އެއްބަސްވުން ބާތިލުކުރުމަށްފަހު މިހާރު ބޮލިފުށި ހިންގަނީ "އޯޒެން ރިޒާވް ބޮލިފުށީ"ގެ ނަމުގަ އެވެ.
އެސްޕީއެޗް ކުންފުނީގެ ހިއްސާދާރުންނަކީ ނިބިރު ލިމިޓެޑް ކިޔާ ކުންފުންޏަކާއި ގިނަ ރިސޯޓްތަކެއް ހިންގާ އިއޮން ރިސޯޓްސް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އެވެ.
އެސްޕީއެޗް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނެނީ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ފިރިކަލުން ލޯޔަރު ޝުއައިބު މުހައްމަދު ޝާހު އާއި ސަލީލް ޕަނިގްރަހި އާއި ޖަޔަލަލިތާ ނަޑުޕަޓި ޖަގަނަތަން އާއި މުއާޒް މުހައްމަދު ރަހީމީ އާއި ޝްރީކާންތް ޑޭޝް އާއި މަންޑިޝް ސިންގް ޕަނިސާ އަދި ޑރ. ސުހައިލް މުހައްމަދު އަބްދުއްރަހީމް އެވެ.
އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ވަގުތީ ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް އާބިޓްރޭޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ހުކުމުގައި ވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން ޖުމެއިރާއާ އެކު އެސްޕީއެޗުން މަޝްވަރާކުރި ކަން އެނގެން ނެތް ކަމަށެވެ. އަދި އެއްބަސްވުން ބާތިލް ކުރުމަށް ފަހު ޖެހިގެން އައި ދުވަހު އެހެން ކުންފުންޏަކާ އެކު އެސްޕީއެޗްއިން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.
އެކަމުގެ މައްޗަށް ބަލާއިރު، ޖުމެއިރާ ކުންފުނީގެ ހައްގުތައް ހިމާޔަތް ކުރަން ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ޖުމެއިރާއަށް ލިބިދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
އެހެންކަމުން ހައި ކޯޓުގެ ހުކުމުގައިވަނީ ސިންގަޕޫރު އާބިޓްރޭޝަންގައި ހިނގަމުންދާ މައްސަލަ ނިމެންދެން ނުވަތަ ހައި ކޯޓުން އެހެން ގޮތަކަށް އަންގަންދެން ރިސޯޓް ހިންގުމުގެ އެއްބަސްވުމުގެ ދަށުން ޖުމެއިރާއަށް ލިބޭ ހައްގުތައް ދެމެހެއްޓުމަށާއި އަދި އެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް ނުކުރުމުގެ އިތުރުން އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން އޮތް ހާލަތަށް ބަދަލު ނުގެނައުމަށް އެސްޕީއެޗްގެ މައްޗަށް އަންގައި އަމުރު ކުރާ ކަމަށެވެ.