މިިދިޔަ ޓެކްސް އާއި 2.65 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން ބުނެފި އެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 311.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި، ޖުލައި 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 84.1 ޕަސެންޓް އިތުރު އަދަދެކެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ބުނި ގޮތުގައި، ޖުލައި 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުވެފައިވުމެވެ. މީގެ ސަބަބަކީ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި މި އަހަރުގެ ޖުލައި މަހުގައި އައިސްފައިވުން ކަމުގައި މީރާއިން ބުނެ އެވެ.
އެ ސުންގަޑި ވޭތުވެ ދިޔަ އަހަރު އައިސްފައި ވަނީ އޮގަސްޓު މަހު އެވެ. އަދި، 2021 ވަނަ އަހަރުގެ ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވަނީ އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދުވުމުގެ ސަބަބުން އޮގަސްޓް 2021 އަށް ފަސްކޮށްފަ އެވެ. މި ކަމުގެ ސަބަބުން، ޖުލައި 2022 ގައި ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާ ޖުލައި 2021 އާއި އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށް މީރާއިން ބުނެ އެވެ.
މީގެ އިތުރުން، މިދިޔަ މަހު 7 ފަރާތަކުން 35 މިލިއަން އެމެރިކާ ޑޮލަރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖުލައި 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ޖުލައި 2021 ގައި ލިބިފައި ނުވާ ކަމަށް މީރާއިން ބުނެ އެވެ. މީގެ އިތުރުން ވެސް، ޖުލައި 2021 އާއި ޖުލައި 2022 އަޅައިބަލާއިރު ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު 97.4 ޕަސެންޓް އިތުރުވެފައިވުމަކީ ވެސް ޖުލައި 2022 ގައި އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާއިން ބުނެ އެވެ.
ޖުލައި 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 48.6 ޕަސެންޓް ނުވަތަ 1.29 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 21.8 ޕަސެންޓް ނުވަތަ 577.79 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 537.30 މިލިއަން ރުފިޔާ (20.2 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 61.51 މިލިއަން ރުފިޔާ (2.3 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 53.92 މިލިއަން ރުފިޔާ (2.0 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 134.31 މިލިއަން ރުފިޔާ (5.1 ޕަސެންޓް) ލިބިފައިވެ އެވެ.
މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 79.60 މިލިއަން ޑޮލަރު ހިމެނެ އެވެ.