މި ދަނޑިވަޅަކީ އަގުހެޔޮކޮށް ލިބެންހުރި ފައިސާ ހޯދައިގެން އިގްތިސާދު ފުޅާކުރުމަށް މަސައްކަތްކުރަން ޖެހޭ ވަގުތު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އިންޑިއާއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ފެސިލިޓީއަށް 100 މިލިއަން ޑޮލަރު އިތުރުކޮށްދިނުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނަގާ ލޯންތަކަކީ ވަރަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ނަގާ ދަރަނި ކަމަށެވެ. އެގޮތުން އެ ދަރަނިތަކަކީ 1.75 ޕަސެންޓް އިންޓްރެސްޓަކާއެކު ފަސް އަހަރުގެ ގްރޭސް ޕީރިއަޑް ނުވަތަ ފަސް އަހަރު ފަހުން ދަރަނި ދައްކަން ފަށާ ގޮތަށް ނަގާފައިވާ ލޯން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ މި ދަނޑިވަޅަކީ އަގުހެޔޮކޮށް ލިބެން ހުންނަ ފައިސާ ހޯދައިގެން އިގްތިސާދު ފުޅާކުރުމުގެ މަސައްކަތް ކުރަންޖެހޭ ވަގުތު ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުމެން ދަރަނި ނަގައިގެން ކުރަން މިއުޅެނީ ކޮންކަމެއްތޯ؟ އެންމެ ބޮޑަށް މިކުރަނީ ބްރިޖު ކަނެކްޓިވިޓީއާއި މާލެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުން. ކޮންމެގޮތެއް ވިޔަސް މާލެ ޕޯޓަކަށް ކޭޓާއެއް ނުކުރެވޭނެ އިގްތިސާދު ފުޅަވެގެން އަންނައިރު. އެހެންވީމަ ޕޯޓް އިތުރަށް ފުޅާނުކޮށް ރާއްޖޭގެ އިގްތިސާދު ފުޅާކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ." މިނިސްޓަރު ވިދާޅުވި އެވެ. "އޭގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ މަގުހެދުން. މި ހުރިހާ ކަމަކީ ވަރަށް ކޮންސެޝަނަލް ގޮތެއްގައި ނަގާ ލޯންތަކެއް،"
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ނަގަމުން އަންނަ ދަރަނިތައް އަދާކުރުމަށް އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ.
"ވޯލްޑް ބޭންކުގެ ސަސްޓެއިނަބަލް ފައިނޭންސް ޕޮލިސީ ގައިވެސް ގްރޭންސް އެލަމަންޓް ހުންނަނީ ގާތްގަނޑަކަށް 36 ޕަސެންޓްގައި. އެއީ ވަރަށް ކޮންސެޝަނަލް ސަސްޓެއިނަބަލް ފައިނޭންސިންއެއް. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ނަގާ ފައިނޭންސް ހުރީ 29 އިންސައްތައާއި 30 އިންސައްތައިގައި. އެހެންވީމަ ވަރަށް ބޮޑަށް ކޮންސެޝަނަލްކޮށް މިހުރީ. އެ ފައިސާ ނަގައިގެން ޤައުމަށް ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރަނީ،" އަމީރު ވިދާޅުވިއެވެ.
އިންޑިއާއިން ވަނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދީފަ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއިން ދިން ކްރެޑިޓް ފެސިލިޓީއެކެވެ. މީގެ އިތުރުން މިމަހުގެ 1 އިން 4 އަށް ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ ލައިން އޮފް ކްރެޑިޓް ފެސިލިޓީއަށް އިތުރު 100 މިލިއަން ޑޮލަރު އިތުރުކޮށްދީފަ އެވެ.
ސަރުކާރުން ވަނީ އެ ފައިސާ ބޭނުންކުރާނީ މިހާރު ހިނގަމުން އަންނަ މަޝްރޫއުތައް އަވަސްކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން 100 މިލިއަން ޑޮލަރު ބޮޑަށް ބޭނުންކުރާނީ ގަމުގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫގެ މަސައްކަތް އަވަހަށް ނިންމުމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.
ބަލަ ރާއްޖޭގެ ތިން ސަރަހައްދުގައި ޕޯޓް ހެދީމާ ކޮންމެ ހެން ބޮޑުހަރަދު ނުކޮށްވެސް ވިޔަފާރި ފުޅާކުރެވޭނެ، އައްޑޫ އާއި ތިނަދޫ އާއި ކައްދޫ އާއި މަނަފަރާއީ ކުޅުދުއްފުށީ އާއި ހަނިމާދޫ ގައި ޕޯޓް ހެދީނާ މާހަރު ކުޑަ އިޤުތިސާދެއް ފުޅާކުރެވޭނެ މިޕޯޓް ތަކަށް ސީދާ މުދާ އެތެރެކޮށް ގުދަން ކުޜީމާ މާއެގުހެޔުވާނެ !