މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއާ ފްރާންސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ފްރާންސްގެ ގައުމީ އެއާލައިންގެ ދަތުރުތައް ކުރާނީ ވެރިރަށް ޕެރިހުގެ ޗާލްސް ޑިގޯލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްއިން ބުނީ އެއާ ފްރާންސުން ހަފްތާއަކު ތިން ދަތުރު ރާއްޖެއަށް ބާއްވާނެ ކަމަށެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ 276 ފަސިންޖަރުންގެ ޖާގައިގެ "ބޮއިން" މަރުކާގެ 787 "ޑްރީމްލައިނާ" އެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެއާ ފްރާންސްގެ ދަތުރުތައް ރާއްޖެއަށް ފުރަތަމަ ފެށީ 2017 ގަ އެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް އަންނަނީ ދަތުރުތައް ބާއްވަމުންނެވެ.

ފްރާންސްއަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފްރާންސްއަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ހަތް ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި ގައުމެވެ. ރާއްޖެއަށް މިހާތަނަށް 1.312،993 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އޭގެ ތެރެއިން 2.9 ޕަސެންޓް ހިއްސާކުރަނީ ފްރާންސްގެ ޓޫރިސްޓުންނެވެ.