ދިރާގާއި ލަޔަންސްގޭޓް ޕްލޭ ގުޅިގެން އެކްސްކްލޫސިވް، ޕްރިމިއަމް ޑިޖިޓަލް މުނިފޫހިފިލުވުމުގެ ކޮންޓެންޓް ރާއްޖެއަށް ގެނެސްފި އެވެ.
މި ޕާޓްނާޝިޕާއެކު ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލަޔަންސްގޭޓް ޕްލޭގެ މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ލަޔަންސްގޭޓް ޕްލޭ އަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ މަޝްހޫރު ކުންފުނި، ލަޔަންސްގޭޓްގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެވެ. ލަޔަންސްގޭޓަކީ 'ދަ ހަންގަ ގޭމްސް'، 'ޖޯން ވިކް'، 'ލާ ލާ ލޭންޑް' އަދި 'ނައިވްސް އައުޓް' ފަދަ މަޝްހޫރު، އެވޯޑު ލިބިފައިވާ ފިލްމުތަކުގެ އިތުރުން އެކި ޓީވީ ސީރީޒްތަކާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.
ދިރާގުގެ ޑިރެކްޓަ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ލަޔަންސްގޭޓް ޕްލޭއާ ގުޅިގެން މިފަދަ މުނިފޫހިފިލުވުމުގެ ކަލެކްޝަނެއް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއާއެކު ލަޔަންސްގޭޓް ޕްލޭގެ މި އެކްސްކްލޫސިވް ކޮންޓެންޓް ދިވެހިރާއްޖޭއިން ބަލާލުމުގެ ފުރުސަތު ލިބޭ ފުރަތަމަ ފަރާތްތަކަށް ދިރާގު ކަސްޓަމަރުންނަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ދިރާގު އީޒޯން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލަޔަންސްގޭޓް ޕްލޭގެ ފިލްމުތައް ބަލާލެވޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.
ލަޔަންސްގޭޓް ޕްލޭ އޭޝިއާގެ ޕްރެސިޑެންޓް، ރޯހިތު ޖެއިން ވިދާޅުވި ގޮތުގައި ދިރާގާއި ލަޔަންސްގޭޓް ޕްލޭއާ ދެމެދު މި ގާއިމު ކުރެވުނު ޕާޓްނަޝިޕްގެ ސަބަބުން ދެކުނު އޭޝިއާގައި އެކުންފުނީގެ ބައިވެރިވުން ވަރުގަދަވުމުގެ އިތުރުން، ރާއްޖޭގެ ތަފާތު އޯޑިއަންސްތަކާއެކު ވެސް ގުޅުން ބަދަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި މި ޕާޓްނާޝިޕްގެ ސަބަބުން ލަޔަންސްގޭޓް ޕްލޭގެ ޕްރިމިއަމް ކޮންޓެންޓް ފަސޭހަކަމާއެކު ރާއްޖޭގެ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދީ، ބެލުންތެރިންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް މުއްސަނދިވެގެންދާނެ ކަމަށް ވެސް ރޯހިތު ވަނީ ވިދާޅުވެފަ އެވެ.
މި ޕާޓްނަޝިޕް ފާހަގަކޮށް ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިރާގުން ވަނީ ލަޔަންސްގޭޓް ޕްލޭގެ ލިމިޓެޑް އަދަދެއްގެ ހިލޭ ސަބްސްކްރިޕްޝަން ކަސްޓަމަރުންނަށް ހަދިޔާކުރުމަށް ނިންމާފަ އެވެ. އެގޮތުން ދިރާގު އީޒޯންއިން ލަޔަންސްގޭޓް ޕްލޭގެ ހިލޭ އެއް މަސްދުވަހުގެ ސަބްކްރިޕްޝަން ނަގައިގެން ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން ސަބްސްކްރިޕްޝަން ބޭނުންކުރުމަށްޓަކައި ކަސްޓަމަރުންގެ އެޕަލް ނުވަތަ ގޫގުލް ޕްލޭ ސްޓޯރ އައިޑީ އަކީ ރާއްޖޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވިފައިވާ އައިޑީއަކަށް ވާންވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ދިރާގު އެޕް މެދުވެރިކޮށް ނުވަތަ މި ލިންކް އިން ފަސޭހަކަމާއެކު ދިރާގު އީޒޯންއަށް ވަދެލެވޭނެ އެވެ.