އިންޑިއާ ސަރުކާރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދިވެހި ސަރުކާރަށް ވިއްކި 200 މިލިއަން ޑޮލަރުގެ ޓީ- ބޮންޑުގެ ތެރެއިން މިއަހަރު ބާކީ ދައްކަން ޖެހޭ 150 މިލިއަން ޑޮލަރުގެ މުއްދަތު އިތުރުކޮށްދޭން އެދެފި އެވެ.

އިންޑިއާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓަށް އިންޑިއާ އިން 200 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކި ކަމަށެވެ. އަދި އެ ބޮންޑު މިހާތަނަށް އައީ ރޯލްއޯވާ ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އެ 200 މިލިއަން ޑޮލަރުގެ ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު ދެއްކި ކަމަށެވެ. އަދި އޭގެ ބާކީ 150 މިލިއަން ޑޮލަރު ރޯލް އޯވާކޮށްދޭން އެދިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ވަގުތުން ހަމަޖެހޭ ކަމެއް ނޫން. އެކަމަށް އެދެން ޖެހޭ ވަކި އުސޫލްތަކެއް އޮވޭ،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖަޔަޝަންކަރު ވަނީ ރާއްޖޭގެ ބޭނުންތައް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި މި ބޮންޑު ރޯލް އޯވާކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލް އިންޑިއާއިން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޑިއާއިން ބަލާނެ މިއީ ކުރެވިދާނެ ކަމެއްތޯ. އިންޑިއާ މިނިސްޓަރު ވިދާޅުވި ރާއްޖޭގެ ބޭނުންތަކަށް ކޮށްދެއްވާފައި ބޭނުންވާ ކަންކަން ހަމަޖައްސައިދެއްވާނެ ކަމަށް،" ޒަމީރު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އެދިގެން ބަޖެޓު ސަޕޯޓަށް ދިން ޓީ ބޮންޑުގެ ފައިސާގެ ތެރެއިން އަންނަ އޭޕްރީލް މަހާއި ޖުލައި މަހު 50 މިލިއަން ޑޮލަރުގެ ދެ ޕޭމަންޓު ސަރުކާރުން އެސްބީއައިއަށް ދައްކަން ޖެހެ އެވެ.

އިންޑިއާ ސަރުކާރުން އަންގައިގެން އެސްބީއައި އިން ދޫކުރި އެ ބޮންޑު ހިލޭ އެހީގެ ގޮތުގައި ހަމަޖައްސައިދޭން ނިންމި ކަމަށް ވާހަކަދެކެވިފައިވެ އެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރު ވެސް އެކަމެއް ހަމައެއް ނުޖެހެ އެވެ.