ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ފަހުގެ ތައްޔާރީތައް ދަނީ ކުރިއަށް ކަމަށާއި އަންނަ މަހު އެކަމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލް ސީޕްލޭން ޓާމިނަލްގައި މިރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ޝިމާދު ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެއްބަސްވުމުގެ ފަހުގެ މަރުހަލާތައް ކަމަށާއި އެކަމަކު ފައިނަލް އެގްރީމެންޓުގައި އަދި ސޮއި ނުކުރާ ކަމަށެވެ.

"އެކަމަކު އެގްރީމެންޓާ އެކު ދެން ހޯދަން ޖެހޭ ވަސީލަތްތަކާ އެކު އެކީގައި ކުރިއަށް މިގެންދަނީ،" ދިވެހި ރައްޔިތުންނާއި ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލުގެ ޖަވާބުގައި ޝިމާދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯ އިން، ދުނިޔޭގައި ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ އެއް ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ މާޗު 13، 2024 ގަ އެވެ.

ޝިމާދު ވިދާޅުވީ އެ އެމްއޯޔޫގެ ދަށުން މަސައްކަތް ފަށަން ހަ މަސް ދުވަސް ލިބިފައިވާ ކަމަށާއި އެކަމަކު ބަންކަރިންގެ އަމަލީ މަސައްކަތް މި ފަށަނީ އެމްއޯޔޫގައިވާ މުއްދަތުގެ އެއް މަސް ކުރިން ކަމަށެވެ.

ވެރިކަންކުރާ ޕީއެންސީން މިދިޔަ ހަފުތާގައި ބޭއްވި ހަރުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ބަންކަރިންގެ ޚިދުމަތް އުތުރުގައި ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.

އިހަވަންދިއްޕޮޅުގެ ރަށެއް ކަމަށްވާ ތުރާކުނަށް އުފަން ސައީދު ވިދާޅުވި ގޮތުގައި ބަންކަރިން ހިދުމަތަށް ބޭނުންވާ ދެ ޓޭންކަރު އެސްޓީއޯ އިން ވަނީ ގަނެފަ އެވެ. އަދި އެ ކުންފުނިން އެމްއެންޑީއެފްއާ ގުޅިގެން ޗާޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައި އިމިގްރޭޝަނާއި ކަސްޓަމްސް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

ބަންކަރިންގެ ޚިދުމަތަށް ބޭނުންވާ ވަޒީފާތަކަށް މީހުން ނެގުމަށް ވެސް އެސްޓީއޯ އިން މީގެ ކުރިން ވަނީ އިއުލާންކޮށްފަ އެވެ.

ސައީދު ވިދާޅުވެފައި ވަނީ ބަންކަރިން ހިދުމަތް ފަށައިގެން، އަންނަ އަހަރުގެ ޖުލައި މަސް އަންނައިރު، ރާއްޖޭގެ ޖީޑީޕީގެ 6.5 ބިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ) މުޅިން އަލަށް އިތުރުވާނެ ކަމަށެވެ.

ބަންކަރިންގެ ޚިދުމަތް ފެށުމަށް އެސްޓީއޯ އިން ސޮއިކުރި ވިޓޯލް އިން ދުނިޔޭގެ 40 ގައުމެއްގައި ވިޔަފާރި ހިންގަ އެވެ. އެ ކުންފުނީގެ 2022 ވަނަ އަހަރުގެ އާމްދަނީ ހުރީ 500 ބިލިއަން ޑޮލަރު (7.7 ޓްރިލިއަން ރުފިޔާ)ގަ އެވެ.