ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވިއްކި 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު (ޓީ- ބިލް) ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިންޑިއާ އިން ފަސްކޮށްދީފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާއި އިންޑިއާ ދެމެދު ސިޔާސީ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެކަމުގެ ގެއްލުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ފޯރަން ފެށުމުން ރާއްޖެއިން އިސް ނައިގެން އެ ގުޅުން އަލުން އިޔާދަކުރަން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެސްބީއައި އިން މިއަދު މުއްދަތު އިތުރުކޮށްދިން 50 މިލިއަން ޑޮލަރުގެ ޓީ ބިލަކީ މިއަހަރުގެ ދައްކަންޖެހޭ ދެވަނަ ޕޭމަންޓެވެ. ފުރަތަމަ ޕޭމަންޓް ވަނީ މިއަހަރުގެ މެއި 13 ގައި ރޯލްއޯވާކޮށްފަ އެވެ.

މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކޮށް، މިކަމަށް އެދިފަ އެވެ.

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދިންއިރު މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ ނޫސްތަކުގައި ވެސް އެ ގައުމުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިންޑިއާ ސަރުކާރުން ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދޭން ނިންމިއިރު، ރައީސް މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.