މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެގޮތުން އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށް ސްވޮޕް ކުރެވެ އެވެ.

'ފްރޭމްވާކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027-2024' ގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެ ކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ.

ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތެއްގެ ފޮރިން އެކްސްޗޭންޖް ބޭނުންތަކަށް އެހީތެރިވާނެ ފިޔަވަޅަކަށް ވާހިނދު، އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެ އެވެ. މީ ދެގައުމުގެ ދޭތެރޭގައި ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެއްކަމަށް އެމްއެމްއޭއިން ބުންޏެވެ.