ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ދާދިފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލި އާ ގަވައިދާ އެއްގޮތަށް ޑޮލަރު މާރުކުރުމުން ރިސޯޓްތަކަށް ގެއްލުންވާ ކަމަށް ފާހަގަކޮށް އެ ގަވާއިދު އުވާލަން ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސަރުކާރުގައި އެދިއްޖެ އެވެ.
ކުރެއްދޫ ހޮލްޑިންގެ މެނޭޖިން ޑިރެކްޓަރުގެ ނަމުގައި އުއްޗު ސޮއިކުރައްވައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް ފޮނުވި ސިޓީގައި ވަނީ އެ ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދައިން އަމަލުކުރުމަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އޭނާ ވިދާޅުވީ އެމްއެމްއޭއިން ނެރުނު އެ ގަވާއިދުގެ ސަބަބުން ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހޭ ކަމަށެވެ. ނަތީޖާއެއްގެގޮތުން ރިސޯޓްތަކަށް މާލީގޮތުން ގެއްލުމަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އުއްޗު ވިދާޅުވި އެވެ.
"އެކި ފަންތީގެ ރިސޯޓްތަކުގެ އެވްރެޖް ޑެއިލީ ރޭޓް ތަފާތު ނަމަވެސް އެމްއެމްއޭގެ އާ ގަވައިދުގައި އެކަމަށް ބެލުމެއް ނެތި ހުރިހާ ރިސޯޓްތަކުން އެއްވަރަކަށް ބޭރު ފައިސާ މާރުކުރަން ވަނީ މަޖުބޫރުކޮށްފައި. އަދި މިއީ ރިސޯޓް ވިޔަފާރި ހިނގާ އުސޫލުތަކާ ދިމާނުވާ ގަވާއިދެއް. މިކަމުގެ ސަބަބުން ހާއްސަކޮށް ދަށް ފަންތީގެ ރިސޯޓްތަކަށް އުފުލަން ޖެހޭ މާލީ ގެއްލުން ބޮޑުވާނެ،" އޭނާގެ ސިޓީގައިވެ އެވެ.
ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ އެއް ހިއްސާދާރު ވިދާޅުވީ ސަރުކާރުގެ އެ ނިންމުމަށް އަމަލުކުރަން ޖެހޭނަމަ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ވިޔަފާރިވެރިންނަށް މަޖުބޫރުވާނެ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ޖެހިދާނެ ކަމަށާއި އެމަކުގެ އަސަރު މުޅި އިގްތިސާދަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ދިގު މުއްދަތެއްގައި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބޭ ފައިދާ ދަށްވެ، އިންވެސްޓަރުންގެ އިތުބާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުމަކީ ވެސް އެ ގަވާއިދަށް އަމަލުކުރުމުގެ ނޭދެވޭ ނަތީޖާއެއް ކަމަށް ވެސް އުއްޗުގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެކި ކަންކަމުގައި ސަރުކާރަށް އޭނާ އެއްބާރުލުން ދެމުން ދިޔަޔަސް، އެ ގަވާއިދު އެކުލަވާލާފައި ވަނީ އެކަށީގެންވާ ގޮތެއްގައި އޭނާ ހިމެނޭހެން އެހެން ވިޔަފާރިވެރިންނާ ވެސް މަޝްވަރާ ނުކޮށް ކަމަށް އުއްޗު ވިދާޅުވި އެވެ.
އެހެންކަމުން އުއްޗު އެދިފައި ވަނީ މިހާރުން މިހާރަށް އެ ގަވާއިދަށް އަމަލުކުރުން ހުއްޓާލުމަށެވެ.
ނުކުރެވި ނުހުންނާނެ، ކަޅުބާޒާރުގައި ޑޮލަރު ވިއްކާއިގެން ލިބޭފާއިދާއިން އުއްޗުމެންނަކަށް ދެން މުވައްޒަފުންގެ މުސާރަ ނުދެވޭނެ
ހަހަހަަހަހަހަ
މިސިޓީއަށް ގޮތެއް ނިންމުމަށް މާދަމާ އެމްްްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބާއްވަނީ، އުއްޗުމެންނަކާ ނުކުޅެވޭނެ.