ދިރާގަށް މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި 945 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން އާއްމުކުރި އެކުންފުނީގެ މާލީ ހިސާބުތައް ދައްކާގޮތުގައި 2024 ވަނަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 945 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ 2023 ވަނަ އަހަރު އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 896 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 5.6 ޕަސެންޓް އިތުރު އަދަދެކެވެ.

ދިރާގުން އާމްދަނީ ހޯދަނީ މައިގަނޑު ދެ ދާއިރާއަކުންނެވެ. އެއީ މޯބައިލް ޚިދުމަތްތަކާއި ފިކްސްޑް ލައިން، ބްރޯޑް ބޭންޑް އިންޓަނެޓާއި އެންޓަޕްރައިޒް ވިޔަފާރިތައް މެދުވެރިކޮށެވެ. ދިރާގުން އާއްމުކޮށްފައިވާ 2024 ވަނަ އަހަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މޯބައިލް ޚިދުމަތްތައް ފޯރުކޮށްދީގެން އެކުންފުނިން ވަނީ 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފަ އެވެ. މިދިޔަ އަހަރު މޯބައިލް ޚިދުމަތްތަކުން އެކުންފުންޏަށް ލިބިފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

ފިކްސް ބްރޯޑްބޭންޑު ޚިދުމަތުން ލިބުނު އާމްދަނީއަށް ވެސް ނިމިދިޔަ އަހަރު ވަނީ ކުރިއެރުން ލިބިފަ އެވެ. އެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގައި ފިކްސްޑު ބްރޯޑްބޭންޑް ޚިދުމަތްތަކުން 1.23 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2023 ވަނަ އަހަރު ފިކްސް ބްރޯޑްބޭންޑް އާމްދަނީގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 1.18 ބިލިއަން ރުފިޔާ އެވެ.

މިއާއެކު، ނިމިދިޔަ 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ދިރާގަށް 2.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ 2023 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެގޮތުގައި ލިބުނު 2.6 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 7.7 ޕަސެންޓް އިތުރު އަދަދެކެވެ.

ދިރާގުގެ މާލީ ހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން އެކުންފުންޏަށް ލިބިފައިވާ ސާފު ފައިދާއަކީ 1.10 ބިލިއަން ރުފިޔާ އެވެ. މިއީ މީގެ ކުރީ އަހަރާ އަޅާބަލައި 4.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރުގެ ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައި ވަނީ 946 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ދިރާގުގެ މާލީ ތަފާސްހިސާބުތަކަށް ބަލާލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި އެކުއާޓަރުގައި 710 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަހަރުގެ ތިންވަނަ ކުއާޓަރުގައި މި އަދަދު ހުރީ 691 މިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މިއީ 2.7 ޕަސެންޓްގެ އިތުރުވުމެކެވެ.

ޓެކްސްއަށް ކެނޑުމަށްފަހުގައި ދިރާގަށް މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 246 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 241 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކަ އެވެ.