ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން މިހާތަނަށް 2,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.

މި މަހުގެ 26 ވަނަ ދުވަހު ރަސްމީކޮށް ހުޅުވި އާ އިންޓަނޭޝަނަލް ޓާމިނަލްގެ އޮޕަރޭޝަންތައް ފަށާފައިވަނީ ޖެހިގެން އައި ދުވަހު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އައި ގައުމީ އެއާލައިން, މޯލްޑިވިއަންގެ މަތިންދާބޯޓަކާ އެކުއެވެ.

އެމްއޭސީއެލް އިން ބުނީ އެ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އާ ޓާމިނަލުން މޯލްޑިވިއަންގެ ބޯޓުތަކަށް 14 ފަހަރު ހިދުމަތް ދީފައިވާ ކަމަށެވެ. އަދި ޖުމުލަ 2,410 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ފުރި 956 ފަސިންޖަރަކާއި ރާއްޖެ އައި 1,454 ފަސިންޖަރުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލުން ބައިނަލްއަގުވާމީ ދަތުރުތައް ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އޮރާޓް ޕްރޮސެސްގެ ތެރެއިންނެވެ. އެކަން ކުރާނީ ބައިނަލްއަގުވާމީ ކޮންސަލްޓަންޓް ފާމެއް ކަމަށްވާ މޮޑާލިސްއާ ގުޅިގެންނެވެ. އެ ޕްރޮސެސްގެ ތެރެއިން ފަހަރަކު އެއާލައިނަކަށްފަހު އެއާލައިނެއް ބަދަލުކުރަމުން ގޮސް, މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއްގެ ހިދުމަތް އާ ފަސިންޖަރު ޓާމިނަލަށް ބަދަލުކުރާނެ އެވެ.