ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލްގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ވެސް އަނބުރާ ދެއްކުން އިންޑިއާއިން އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.
އިންޑިއާ ސަރުކާރުން މައާފްކޮށްދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ އަދަދެކެވެ. ކުރިން ހަމަޖެހިފައި ވަނީ މިއަދުގެ ނިޔަލަށް އެ ފައިސާ ދައްކައި ހަލާސްކުރާ ގޮތަށެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އިއްޔެ ވަނީ އެކަމާ ގުޅޭގޮތުން ބައްދަލުކޮށް މަޝްވަރާކުރައްވާފަ އެވެ.
ބަޖެޓް ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީގެ ގޮތުގައި ދިން ފައިސާއެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ އޭގެތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.
ބާކީ ނުދައްކާ ހުރީ 100 މިލިއަން ޑޮލަރެވެ. އޭގެތެރެއިން 50 މިލިއަން ޑޮލަރު ދައްކަން އޮތް ސުންގަޑިއަކީ މިދިޔަ އަހަރުގެ މެއި މަހެވެ. އިންޑިއާ އިން ވަނީ އެ ފައިސާ ދެއްކުން އެއް އަހަރަށް ފަސްކޮށްދީފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސް ކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގެ ޕޯޓްފޯލިއޯއާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަން ތަންފީޒުކުރުމުގައި ދިމާވާ މައިގަނޑު ގޮންޖެހުންތަކާ މެދު މަޝްވަރާކުރައްވައި، ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާތައް ކޮށްފައިވެ އެވެ.