ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅޭގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު މިމަހު 17 ވަނަދުވަހު ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާއި ގުޅޭގޮތުން ކުރިއަށް ގެންދާ އެކިކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި، ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ވަނީ ކަނޑައަޅާފައި ވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ ތެރެއިން ބައެއް ކަންކަން 2026 ވަނަ އަހަރުގެ ޖަނުވަރީ މަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށާއި މި ހުރިހާ ކަންކަމެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރަމުން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު އެސްއެމްއީ ތަކުގެ ވިޔަފާރިވެރިންނާއި މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ގިނަ ކަންބޮޑުވުންތަކެއް ވިޔަފާރިވެރިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބޭކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދައްކާފައިވެ އެވެ.
ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއެކު އެރޭގެ ބައްދަލުވުމުގައި ރައީސް ވަނީ ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ އިން އެ ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް އުނިކުރެވޭނެ އުސޫލެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ނުދީވާ ފައިސާގެ ތެރެއިން ބޮޑުބައެއް މި މަސް ނިމުމުގެ ކުރިން ދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

