މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީއިން ހަތަރު މިލިއަން ޑޮލަރު މަދުވެފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާގެ އެންމެ ފަހުގެ ރިޕޯޓް ބުނާގޮތުން، ބޭރު ފައިސާއިން ލިބުނު އާމްދަނީއަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ދިވެހި ރުފިޔާއިން ލިބުނު އާމްދަނީ ވަނީ ކުޑަ މިންވަރަކަށް އިތުރުވެފަ އެވެ.
ޑޮލަރު އާމްދަނީއަށް ބަލާއިރު މިދިޔަ މަހު ލިބުނީ 120.70 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ 125.09 މިލިއަން ޑޮލަރާ އަޅާބަލާއިރު 4.4 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ރުފިޔާ އާމްދަނީއަށް ބަލާއިރު ޑޮލަރު ދަށްވި ނަމަވެސް، ޖުމްލަ އާމްދަނީ ވަނީ 2.60 ބިލިއަނުން 2.63 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ދައުލަތަށް ޑޮލަރުން ވަން އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައިތަކަކީ:
- ޓީޖީއެސްޓީ: 72 މިލިއަން ޑޮލަރު
- ގްރީން ޓެކްސް: 12 މިލިއަން ޑޮލަރު
- އެއާޕޯޓު ޑިވެލޮޕްމަންޓް ފީ: 10 މިލިއަން ޑޮލަރު
- ޑިޕާޗާ ޓެކްސް: 10 މިލިއަން ޑޮލަރު
މީރާގެ ހިސާބުތަކުން ދައްކާގޮތުގައި، ޓޫރިޒަމް ލޭންޑް ރެންޓުން އަށް މިލިއަން ޑޮލަރު އަދި އިންކަމް ޓެކުހުގެ ގޮތުގައި ހަތް މިލިއަން ޑޮލަރު ވަނީ މިދިޔަ މަހު ދައުލަތަށް ލިބިފަ އެވެ. މި ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތަށް ވަންނަ ބޭރު ފައިސާގެ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ 3.5 އިންސައްތައަށް ދަށްވެފަ އެވެ.
މި އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކެވެ. މި ނުތަނަވަސްކަމުގެ ސީދާ އަސަރު ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމަށް ވަނީ ކޮށްފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ހެދި ދުނިޔޭގެ އެހެން ގައުމުތަކުން ދަނީ ޚަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް ރާއްޖެއިން ޚަރަދުކުޑަކުރުމަށް މާ ބޮޑު ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ސަރުކާރަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.


ސޯފާ ގަންނަން ދޯ