ބޭރުގެ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންގެ ހިދުމަތްތަކުން ޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ބޭރުގެ ގިނަ ފަތުރުވެރިކަމުގެ އެޖެންޓުންތަކެއް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.

މި އިސްލާހާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި މީރާ ގުޅިގެން އިއްޔެ ހަވީރު ވެބިނާއެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ބޭރުގެ 800 ވަރަކަށް ޓުއާ އޮޕަރޭޓަރުން ބައިވެރިވި އެވެ.

އެ ބައްދަލުވުމުގެ ލައިވް ޗެޓުގައި ޓުއާ އޮޕަރޭޓަރުން ވަނީ ސަރުކާރުގެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ގިނަ އެޖެންޓުން ބުނެފައިވަނީ މިއީ ދެފުށް ނުޖެހޭ އަދި އެއް ހިދުމަތަކުން ދެފަހަރަށް ޓެކްސް ނެގޭ ގޮތަށް އޮތް އިސްލާހެއް ކަމަށެވެ.

އަންނަ މަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ނިންމާފައިވީ ނަމަވެސް، ގިނަ އިދާރީ ކަންކަން ސާފުވެފައި ނުވާކަމަށް އެޖެންޓުން ފާހަގަކުރި އެވެ. ކެންސަލޭޝަން ފީއާއި ޑިސްކައުންޓްތަކުގެ އިތުރުން ސަބް އެޖެންޓުންގެ ކޮމިޝަނުން ޓެކްސް ނަގާނެ ގޮތް ސާފުނުވާކަމަށް އޮޕަރޭޓަރުން ބުންޏެވެ.

ބައެއް ޓުއާ އޮޕަރޭޓަރުން ވަނީ ރާއްޖެ ވިއްކުން ހުއްޓާލައި، އެމީހުންގެ ޕޯޓްފޯލިއޯއިން ރާއްޖެ އުނިކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އޭގެ ބަދަލުގައި އެހެން އަގުހެޔޮ މަންޒިލްތައް ފަތުރުވެރިންނަށް އިސްތިހާރު ކުރާނެ ކަމަށް އެފަރާތްތަކުން ބުންޏެވެ.

މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ރިސޯޓުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް އޮޕަރޭޓަރުން އިންޒާރު ދިނެވެ. އަދި މިއީ ވާދަވެރި މާކެޓެއްގައި ރާއްޖެ ވިއްކުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށްވެސް ފާހަގަކުރި އެވެ.

ސިނާއަތުގެ މަސްލަހަތުވެރިންގެ ކަންބޮޑުވުންތައް ބޮޑުވެފައިވާއިރު، އެ ވެބިނާގައި ސަރުކާރާއި މީރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އަދި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް އިންވެސް ވަނީ މި އިސްލާހާ ދެކޮޅަށް އަޑުއުފުލާފަ އެވެ. ނަމަވެސް ސަރުކާރުން އަދި މި އިސްލާހު އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ.