މާލޭ ސިޓީގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރާނަމަ ގޮޅިތައް ބަންދުކުރަން މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ މޭޔަރު ޑޜ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދެ މާރުކޭޓުގައި ބިދޭސީން ތިބޭ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެގޮތުން ބިދޭސީން ގޮޅިތަކުން ބޭރުކުރުމަށް ގާނޫނުގެ ތެރެއިން ވަކި މުއްދަތެއް ދޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެތަންތަނަށް ދިވެހިން ހަމަނުޖައްސައިފިނަމަ އިންޒާރު ނުދީ ބަންދުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ބިދޭސީންގެ ބަދަލުގައި ދިވެހިން ހޯދަން ދޭނީ ދެ މަސް ދުވަސް ކަމަށާއި އެ މުއްދަތުގައި ބިދޭސީން އެތަންތަނުން ބަދަލުނުކޮށްފިނަމަ ގޮޅިތަކުގެ ވެރިންނާ އެކު ހަދާފައިވާ އެގްރިމެންޓް ބާތިލުކުރާނެ ކަމަށެވެ.
މި ދެ މާރުކޭޓުގެ އުތުރުން ދެކުނަށް އާންމުންނަށް ދެވޭނެހެން އެތެރެއިން މަގެއް ވެސް ހަދަން ވެސް ވަނީ ނިންމައިފަ އެވެ. އަދި މާރުކޭޓުގެ ފުރާޅުން ފެންފައިބާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.
"އަޅުގަނޑުމެން ދަނޑުވެރިންނާ ވިޔަފާރިވެރިންނާ އަދި މަސްވެރިންނާ ވެސް ބައްދަލުކޮށްފިން. ތިން މާރުކޭޓުގެ ހުރިހާ ފަރާތްތަކާ ބައްދަލުކޮށްފިން. އެމީހުންގެ ވަރަށް ބައިވަރު ޝަކުވާތަކެއް އެބަހުރި. އަޅުގަނޑުމެންގެ ޕްލޭންގައި އޮންނާނެ މި ތިން މާރުކޭޓުގައި މައްސަލަތަކެއް ހުރި ވާހަކަ. ދާއިމީ ގޮތެއްގަ ހައްލު ގެންނާނެ ވާހަކަ. މި ތިން މާރުކޭޓު ޒަމާނާ އެއްގޮތްވާ ގޮތަށް ބަދަލުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ވަނީ މަސްމާރުކޭޓުގައި ހަމަހަމަ ފުރުސަތު ލިބޭ ގޮތަށް ގުރުއަތުލައިގެން މަސް ވިއްކަން އަށި ލިބޭ ގޮތް ހަމަޖައްސައި ދިނުމަށް ނިންމާފަ އެވެ. އަދި އައިސް އަޅައިގެން މަސް ވިއްކޭނެ ގޮތް ހަދައިދިނުމަށް އަބަދުވެސް މަސް މާރުކޭޓުން އައިސް ލިބޭނެ އިންތިޒާމު ގާއިމުކުރާނެ އެވެ.
މީގެ އިތުރުން ކުދި މަސް (މުށިމަސް ފަދަ މަސް) ވިއްކާ ގޮޅިތައް ކޮންމެ ދުވަހަކު ހުޅުވައި މަސްވެރިން ކަންބޮޑުވުން ހައްލުކުރާނެ ކަމަށެވެ.
މަސްމާރުކޭޓުގައި ސާފުތާހިރުކަން ދެމެހެއްޓުމުގެ ގޮތުން ކޮންމެ ދުވަހަކު އެތަން ސާފު ކުރާނެ އެވެ. އަދި ފަޅުތެރޭގައި މަސްވިއްކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ހުއްދައެއްގެ ދަށުން މަސް ވިއްކޭނެ ގޮތް ހަދައިދޭން އެވެ.
މަރުޙަބާ ޑރ. މުއިއްޒު